އުރީދޫ މޯލްޑިވްސްގެ ފަން ރަންގައި ބައިވެރިވުމަށް ވަޒީރުންނަށް ދައުވަތު ދީފިއެވެ.

އުރީދޫ ފަންރަން އޮންނާނީ މާދަމާ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

މި ދުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ހޯމް މިނިސްޓަރު ޢަލީ އިހުސާންއާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުރުން، ކައުންސިލު މިނިސްޓަރު އާދަމް ޝަރީފު އުމަރަށް ވެސް ވަނީ ދައުވަތު އަރުވައި، ދުވުމުގެ ޓީޝާޓް ޙަވާލު ކުރައްވައިފައެވެ. ވަޒީރުންނަށް ޓީޝާޓް ޙަވާލު ކުރެއްވެވީ އުރީދޫގެ ސީއީއޯ ޚާލިދު ޙަސަން އަލް ޙަމަދީ އާއި ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒެވެ.

މި ފަހަރުގެ އުރީދޫ ”ފަންރަން“ގައި ޑްރޯން ރޭހެއް ވެސް ފެނިގެންދާނެއެވެ. މިއީ ރާއްޖޭގައި ބާއްވާ، މިފަދަ ފުރަތަމަ ރޭހެވެ.

އުރީދޫ ”ފަން ރަން“ އަކީ އުމުރުން ހަ އަހަރުން މަތީގެ މީހުންނަށް ޚާއްޞަ އިވެންޓެކެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް  މަޖާވާނެ ދުވުމެއްކަމަށް އުރީދޫން ކުރިން ބުންޏެވެ.

”ފަން ރަން“ ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައި ދިނުމެވެ.