ޕީޕީއެމްގެ ރައީީސް، ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން ވަކިވެވަޑައިގަންނަވައި، އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ.
މިކަން ހާމަ ކުރެއްވީ ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދެވެ.
ޖަމީލު ވިދާޅުވީ ޕީޕީއެމް ދޫކޮށްލައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ލީޑަޝިޕުން ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައިވާ ކަމަށާއި ރައީސް ޔާމީންއާ މިހާރު އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީންގެ މަޝްވަރާއާއެކު ޕާޓީގެ ކަމެއް ހިންގަވަން ލީޑަޝިޕްގެ ބޭފުޅުން ބޭނުން ނުވާ ކަމަށާއި އެއީ ޕީޕީއެމް ދޫކޮށްލައްވަން ރައީސް ޔާމީން ނިންމެވި ސަބަބެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
”ސީދާ ރައީސް ޔާމީނަށާއި ޕީޕީއެމަށް ހަގީގަތުގައި ވަރަށް ބޮޑު ބޭވަފާތެރިކަމެއް ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ޑރ. މުއިއްޒު އާއި އަދި މީގެތެރޭގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންތަކެއް ވެވަޑައިގެންފައި މިވަނީ،“ ޖަމީލު ވިދާޅުވިއެވެ.
ޕީޕީއެމްއަކީ މިހާރު ވަކި ބަޔަކު ހައިޖެކް ކޮށްފައިވާ ޕާޓީއެއްކަމަށް ޖަމީލު ސިފަކުރެއްވިއެވެ.
ޖަމީލް ވިދާޅުވީ، ކުރީ ސަރުކާރުން ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެވޭނެގޮތަށް އެމަނިކުފާނު ޖަލަށް ލުމަށްފަހު އެތަކެއް އަނިޔާއެއް އެ ސަރުކާރުން ދިންކަމަށެވެ.
އަދި ޕްލޭން އޭ، ބީ އަދި ސީ އާއި އެކުގައި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީ ވާދަކުރިއިރުވެސް، ރައީސް ޔާމީނަކީ ވަރަށް ރަނގަޅަށް ކަންކަމާމެދު ގޮތް ނިންމަވާ ބޭފުޅެއްކަން އެނގޭނެކަމަށެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވިއިރު، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އަދި ހަފްތާއެއްވެސް ނުވެއެވެ.

ޔާމީނަށް ޖެހޭނީ އަންނިއަށް ޖެހުނު ދަތުރު! ޕާރޓީ ގެއްލި، ވެރިކަން ގެއްލި، މަޖްލިސް ގެއްލި، ސިޔާސީ ދާއިރާއިންވެސް ވާނީ ބާކީ! ޒަމާން ބަދަލުވެއްޖެ! އެންމެންނަށްވެސް އިނގޭ ފަޅުތައް ވިއްކާފައި ޑޮލަރު ނެގީ ކާކުކަން! އިންސާފު ހަމަކުރާނެކަން! ތިހުރީދެން ޖަލުންވެސް ސަލާމަތްވެފަ! ހަމަ ޖެހޭނީ ހުކުމްގެ މުއްދަތު ހަމަކުރަން! ހެހެހެހެ 11 އަގާރަ އަހަރު ޖަލުގައި އޮވޭ!