ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އައު ސިޔާސީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

”އަދަދު“ ނޫހަށް ދެއްވި އިންޓަރވިޔުއެއްގައި ޖަމީލު ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އައު ސިޔާސީ ޕާޓީގެ މަސައްކަތް ވަރަށް ހަލުވި މިނުގައި ކުރިއަށްދާ ކަމަށާއި، ނަމާއި ލޯގޯ ފައިނަލް ކުރެވިފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގައި އެދޭނެ ކަމަށެވެ.

ޖަމީލު ވިދާޅުވީ މަޖިލީހުގެ އިންތިޚާބަށް ނުކުންނާނީ ކޮލިޝަނަކާއިއެކުގައި ކަމެއް ނުވަތަ ނޫންކަމެއް އަދި ވިސްނައިފައި ނުވާއިރު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރައީސް ޔާމީންގެ ސިޔާސީ ވިސްނުންފުޅާއި، އެމަނިކުފާނުގެ ސިޔާސަތުތައް ކުރިއަށް ނެރޭނެ ޕާޓީ އުފެއްދުމަށް ކަމަށެވެ. ރައީސް ޔާމީންގެ ވަރަށް ގިނަ ސަޕޯޓަރުން އެ ޕާޓީއާއި ގުޅެން ޝައުގުވެރިވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

”މި ވަގުތު އޮތީ ޕާޓީ އުފަން ކުރުވާ، ޕާޓީ ވަރުގަދަކޮށް، ޕާޓީގެ ކަންތައްތަކައިގެން ކުރިއަށް ދިޔުން.“ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފައިވަނީ، އެމަނިކުފާނު އެކުލަވައިލެއްވި ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަލީހު ޖަމާލު ޕީޕީއެމްއިން ވަކި ކުރުމާއި ގުޅިގެންނެވެ.