ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއިއެކު ސާބިތުވެހުންނަވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީީސް، ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވާ މި ދަނޑިވަޅުގައި ރައީސް މުޢިއްޒުއާއިއެކު ހުންނެވިކަން ހާމަކުރައްވައި، ޙުސައިން ވިދާޅުވީ މި ވެރިކަމަކީ އެމަނިކުފާނުވެސް ހިމެނޭހެން، އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ.

”މިއީ ތިޔަ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ. ރައްޔިތުން އިޚްތިޔާރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ތަސައްވުރު. އަދި އެމަނިކުފާނު އިސްކުރައްވަނީ ތިޔަ ރައްޔިތުންގެ މަސްލަހަތު.“

ނައިބު ރައީީސް އިތުރަށް ވިދާޅުވީ، މިވެރިކަމަކީ ރައްޔިތުނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއިއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ނައިބު ރައީީސްގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ އިސް ސަފުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ ރައީސް މުޢިއްޒު އާއި އެކުގައި ހުންނެވި ކަމަށް ވިދާޅުވަމުންނެވެ.