ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދާއި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ލާހޫރޭ މީހުން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޗެއާޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރު، އެ ކޯލިޝަން ދޫކުރައްވައި، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްވަޓައިފައެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ޖަމީލާއި މަލީހު، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައެވެ. އެ ދެބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، އެ ދެ ޕާޓީގެ ލީޑަރޝިޕުން ވަނީ ރައީސް ޔާމީނަށް ބޭވަފާތެރިވެފައެވެ.

ސަންގު ޓީވީގައި، މި ވާހަކަތަކަށް ރައްދު ދެއްވައި ޢަބްދުއްރަޙީމް ވިދާޅުވީ މާޒީގައި ރައީސް ޔާމީނަށް އަނިޔާވެރިވީ ޖަމީލާއި މަލީހު ކަމަށާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުވިޔަ ނުދިނުމަށް އެ ދެބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންވެ، އެ ބޭފުޅުން ދައްކަވާ ވާހަކަ ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

”މަލީހު ވެސް ޖަމީލު ވެސް، އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ލާހޫރޭ މީހުން.“

ިލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް ޔާމީނަށް އަނިޔާއެއް ނުދެއްވާނެ ކަމަށެވެ.

އަދި ރައީސް ޔާމީނަށް އަނިޔާ ދެއްވީ އެމަނިކުފާނާއެކު މިހާރު އެންމެ އަރިސްކޮށް އުޅުއްވާ މަލީހާއި ޖަމީލު ކަމުގައި ވެސް ވިދާޅުވިއެވެ.