ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިނިވަންވެ ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރައްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި އެކު އެކަން އޭނާ ދޮގު ކޮށްފިއެވެ.
އަދީބު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށާއި، އޭނާ މިވަގުތު ރާއްޖެއިން ބޭރުގައި އުޅެނީ ބޭސްފަރުވާއަށް ކަމަށެވެ.
އެކަން ނިމުނުހާ އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
“ އަޅުގަނޑު ލޯބިވާ ޤައުމަށް އެނބުރި އަންނާނަން. އެތަނުގައި ދިރިއުޅޭނީވެސް މަސައްކަތް ކުރާނީވެސް އަދި ވަޅުލާނީވެސް. “ އަދީބު ކުރި ޕޯސްޓުގައި ވެއެވެ.
ރާއްޖޭގެ މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޙިޔާނަތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލައިގެ މޭސްތިރިޔާ، އަދީބުއަށް ވަނީ 20 އަހަރު ޖަލު ޙުކުމެއްކޮށް އަދި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
ނަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަދީބަށާއި، އެ މައްސަލާގައި 30 އަހަރު ޙުކުމެއް ތަންފީޒު ކުރަމުންދާ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތަށް މަޢާފު ދީފައެވެ.
