ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ތުރުކީ ނުވަތަ މިހާރުގެ ނަމުން ނަމަ، ތުރުކިޔޭ އަށް މިއަދު ފުރާވަޑައިގަންނަވައިފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހު، މުހިންމު ޚާރިޖީ ބައްދަލުވުންތައް އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މޫސާ ޒަމީރު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ތުރުކިޔޭގެ ވެރިކަން ކުރާ ރަށް، އަންކާރާއަށް ވަޑައިގެންނެވުނުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދެ ދުވަހުގެ ތާވަލުގައި މުހިންމު ޚާރިޖީ ބައްދަލުވުންތައް ރޭވިފައިވާކަން ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތަކުގައި ދިވެހި ސަރުކާރުން އިސްކަން ދެއްވާ ކަންކަން، އެ ޤައުމުގެ ވެރިންނާއި ހިއްސާކޮށް، ރައީސް ޑރ.މުޢިއްޒުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ދެ ޤައުމަށް އެކުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.
Arrived in Ankara with H.E. President Dr @MMuizzu on an official visit to Türkiye.
We have a busy schedule ahead of us, with several high-level bilateral meetings and discussions in the coming two days.
We will be explaining the Government's priorities and identifying areas…
— Moosa Zameer (@MoosaZameer) November 26, 2023
ރައީސް މުޢިއްޒު ތުރުކީއަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރެއްވި ފަހުން ކުރައްވަވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ރައީީސް އޮފީހުން މިއަދު ވިދާޅުވީ، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 30 ވަނަ ދުވަހު، ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައި ކަމަށެވެ.
