ޕީޕީއެމް/ޕީއެންސީއާއި ވަކިވެވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް ޔާމީން ނިންމެވި ނިންމެވުމަކީ ބައެއްގެ ނުފޫޒުން ނިންމެވި ނިންމެވުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ހަފްތާއެއް ނުވަނީސް، ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ. މިކަމުގައި އެމަނިކުފާނާއި އެކުގައި އުޅުއްވަނީ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދާއި، ކުރީގެ ޓެލްނޮލޮޖީ މިނިސްޓަރު، މަލީހު ޖަމާލެވެ.

މި ހިނގަމުން އަންނަ ކަންތައްތަކާއި ގުޅޭގޮތުން އޮންލައިން ނޫސް ”މިހާރު“ އަށް، ނައިބު ރައީސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އަބަދުވެސް ރައީސް ޔާމީނަށް އިޙްތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް، ޖަމީލާ އެކު އެ ވަޑައިގަންނަވާ މިސްރާބަކީ އެމަނިކުފާނު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ ރައީސް ޔާމީނަށް ހެޔޮ ނޭދޭނެ ޖަމީލު ފަދަ ބޭފުޅުންގެ ނުރަނގަޅު ވިސްނުންތަކާއި ނުފޫޒުތަކުގެ ތެރެއިން ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

”ރައީސް ޔާމީންގެ ނިންމުމަށް އިހުތިރާމް ކުރާނަން. އެހެން ނަމަވެސް، މިއަދު ޤަބޫލު ކުރަނީ އެ ނިންމި ނިންމުމުގައި އެހެން ބައެއްގެ ވަރަށް ބޮޑެތި ނުފޫޒުތަކެއް ނުވަތަ ވިސްނުންތަކެއް އެބަ ހުއްޓޭ، އެއީކީ އެމަނިކުފާނަށް އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ޚުދު ޤަބޫލެއް ނުކުރަން،“ ނައިބު ރައީީސް ވިދާޅުވިއެވެ.

ނައިބު ރައީީސް ވަނީ ޕީޕީއެމް/ޕީއެންސީ އިން އަދިވެސް، ރައީސް ޔާމީނާއިއެކުގައި މަސައްކަތް ކުރެއްވެން އޮތް ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.