އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުން ވާނީ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު، އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ސިފަ ކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ މެމްބަރުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެކަމުގެ ޙަޤީޤަތަކީ ކޮބައިކަމެއް އެއްވެސް ވަރަކަށް ނޭންގޭ ކަމަށެވެ.
އޭނާ ވަނީ އައު ސަރުކާރެއްގެ ކެބިނެޓަށް އައްޔަނުކުރާ ފަރާތަކާ ޒާތީގޮތުން ދިމާކޮށްލައިގެން ރުހުން ނުދިނުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
”އޭގެ މާނައަކީ ރައްޔިތުން ނިންމި ސަރުކާރު ހިންގުމަށްޓަކައި ހުރަސްއެޅުންތަކެއް، އެމްޑީޕީގެ ފަރާތުން އެފަދަ ކަމެއް ކުރައްވަފާނެކަމާމެދު އަޅުގަނޑު ނުދެކޭތީ. ދެން އެކަން އެގޮތަށް ކުރެއްވުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް އަޅުގަނޑު ގަބޫލުކުރާ ވާހަކަ ދަންނަވާލީ.“ ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ވަޒީރަކަށް ރުހުން ދިނުމަށްފަހު އެބޭފުޅަކު ޤާނޫނާއި ޚިލާފުވާނަމަ، އެ މީހެއްގެ އިތުބާރު ނެތްކަމަށް ލައިގެން އެބޭފުޅަކު ބޭރު ކުރެވިދާނެ ކަމަށެވެ.
