ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ކުރީގެ ލީޑަރު، ރައީީސް ޔާމީން ޢަބްދުލްޤައްޔޫމް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އެކްސް އެކައުންޓު ”އަންފޮލޯ“ ކުރައްވައި އެމަނިކުފާނު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންފްރަންޓް)ގެ އެކްސް އެކައުންޓަށް ”ފޮލޯ“ ކުރައްވައިފިއެވެ.

Ads by Asuru

އެކްސްގައި ރައީސް ޔާމީން މީގެ ކުރިން ފޮލޯ ކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ރަސްމީ އެކައުންޓަށް އެކަންޏެވެ. މިހާރު އެމަނިކުފާނު ފޮލޯ ކުރައްވާ އެކައުންޓަކީ ޕީއެންއެފްގެ ރަސްމީ އެކައުންޓު އެކަންޏެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ހަފްތާއެއްވެސް ނުވަނީހެވެ. ޕީއެންއެފްގެ މުއައްސިސަކީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިންއެވެ.

ޕީއެންއެފް އަށް މެމްބަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިކަމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދާއި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދާއި، ކުރީގެ ޗީފް އޮފް ސްޓާފް އަޙްމަދު މުސްޠަފާއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް މަލީހު މިއަދު ވިދާޅުވިއެވެ. ޕީއެންއެފްގެ ކުލަ އަކީ، ރައީީސް ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަންސް(ޕީއޭ)ގެ ދަނބު ކުލައެވެ.

އެމަނިކުފާނު ރޭ ވަނީ އެ ޕާޓީގެ އޮފީހަށް ވަޑައިގެން، ޕާޓީއަށް ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފައެވެ. އެނގިފައިވާ ގޮތުގައި، ޕީއެންއެފަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައީީސް ޔާމީނެވެ.