ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން، އިޒްރޭލުގެ ވެރީންނަށް އަދަބު ދިނުމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ގޮވައިލައްވައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދުންޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަލަސްޠީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކުރައްވައިފައެވެ.

”އިސްރާއީލުގެ ރަހުމުކުޑަ ލީޑަރު ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލަން. އަދި ސްރާއީލުން ހިންގަމުން އެދާ އުދުވާންގެ ފަހަތުގައި ތިބި އެ ޤައުމުގެ ވެރިންނަށް ހަރުކަށި އަދަބު ދޭންޖެހޭ!“ ދުންޔާ ލިޔުއްވައިފައިވެއެވެ.

ފަލަސްޠީނުގެ މައްސަލައިގައި ދުންޔާ ގެންދަވަނީ ތަކުރާރުކޮށް އަޑު އުފުއްލަވަމުންނެވެ. ދުންޔާ ވަނީ މި މައްސަލައަށް އިސްލާމީ ބޮޑެތި ޤައުމުތަކުގެ ވެރީން މާ ބޮޑު ސަމާލުކަމެއް ނުދެއްވާކަމުގައި ވެސް ކުރިން ވިދާޅުވެފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 14،800އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވި އިމާރާތްތަކުގެ ދަށުވެ، އެތައް ބަޔަކު ގެއްލުނުއިރު، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރު ވާނެ ކަމަށް ބެލެވެއެވެ. ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އާއި އިޒްރޭލުން ހަމަލާ ބަދަލުކުރުންތައް ހަތަރު ދުވަހަށް މެދުކަނޑައިލަން އެއްބަސްވިއިރު، މިއަދަށް އެ މުއްދަތު ހަމަވާނެއެވެ. އިޒްރޭލުން ބުނީ، ހަމާސްގެ ބެލުމުގެ ދަށުގައިވާ އަސީރުން މިނިވަންކުރާނަމަ، ހަމަލާ ނުދޭ މުއްދަތު އަދިވެސް ދިގު ދަންމައިލެވޭނެ ކަމަށެވެ.