ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ އިން ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ގުޅުން ބަދަހި ކުރަން ދެ ޤައުމުގެ ސަރުކާރުން އެއްބަސްވެއްޖެއެވެ.
ރައީީސް އޮފީހުން ރޭ ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގައި ސޮއި ކުރައްވައިފައި ވަނީ، ރައީީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ތުރުކީގެ ރައީީސް ރަޖަބް ޠައްޔިބު އުރުދުޣާން ބައްދަލުކުރައްވައި، ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައެވެ.
ދެ ޤައުމުގެ ފަރާތުން ވަނީ ”އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ“ ގައި ސޮއިކުރައްވައިފައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. ތުރުކީގެ ފަރާތުން، ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑރ. އޮމަރ ބޮލަޓްއެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުޢިއްޒާއި، ތުރުކީގެ ރައީސް އުރުދުޣާންގެ ކުރިފުޅުމަތީގައެވެ.
އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުގައި ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޢާދަކުރަނިވި ހަކަތައާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރައްވާނެކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގެ އެކި ދާއިރާތަކުން ތުރުކީވިލާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި، އެ ޤައުމުގެ ރައީސް އުރުދުޣާނަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ތުރުކީވިލާތުގެ ރައީސް ވަނީ، ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސްކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.
އަދި ރައީސް މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީވިލާތް ޚިޔާރުކުރެއްވުމަކީ އެމަނިކުފާނަށާއި، އެޤައުމުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސް އުރުދުޣާން ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މިމަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ ރައީސް ވަނީ ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސް، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
އަދި ދެ ލީޑަރުންވެސް ވަނީ ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ޤާއިމުކޮށް، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ހުއްޓައިލާ، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ދެ ބޭފުޅުންވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ.
