ތޫނު އެއްޗެއް ހިފައިގެން  ފިހާރައަކަށް ވަދެ، އެ ތަނުގައި ހުރި ސޭޓަށް ބިރު ދައްކައި، ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގައިފައި ވަނީ ފުވައްމުލަކު ސިޓީގައެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ މާސްކު އަޅައި މޫނު ނިވައިކޮށްގެން ތިބި ދެ ފިރިހެނުން، ބިދޭސީއެއް ކަމަށް ބެލެވޭ މީހަކު ސޭޓަކަށް ހުރި ފިހާރައަށް ވަދެގެން އަންނަ މަންޒަރެވެ. އެ ތަނުން އެކެއްގެ އަތުގައި ތޫނު ވަޅިއެއް އޮތެވެ. އައިގޮތަށް ސޭޓަށް ވަޅި ދައްކައި، ބިރު ދައްކައިލީއެވެ. ސޭޓު ފަހަތަށް ޖެހި، ފުރާނައަށް ބިރުން، އެ ދެމީހުން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނާޅައި ހުއްޓެވެ.

ދެން ފެނުނީ ޒުވާނުން ކަމަށް ބެލެވޭ އެ ދެ މީހުން ފިހާރައިގެ ކަބަޑުން ފައިސާ އާއި އެހެނިހެން އެއްޗެހި ގެންދާ މަންޒަރެވެ. އާއްމު ކުރި މި ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި މިކަމެއް ހިނގީ އިއްޔެއެވެ.

ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތައް ގިނަ ފަހަރު ގުޅެނީ މަސްތުގެ ވަބާގައި ޖެހިފައިވާ ޒުވާނުންނާއެވެ.