ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި ތުރުކީ އަށް ވަޑައިގެން އެ ޤައުމުގައި ތިބި ދިވެހިންނާ އެކީ ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ތުރުކީގައި އުޅޭ ދިވެހިން ވަނީ އެ ގައުމުގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.

ތުރުކީ މިހާރު ދިވެހިން ވަރަށް އާންމުކޮށް ޗުއްޓީ އަށް ވެސް ދަތުރުކުރާ ގައުމެކެވެ. އެހެންވެ އެ ގައުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓްތަކުން ފައިސާގެ ލިމިޓް މިހާރު އޮތް ގޮތުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދޭން ވެސް ރައީސާ އެކީ ބޭއްވި ބައްދަލުވުމުގައި ދިވެހިން އެދިފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ޤައުމީ ބޭންކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.