މާލީ ނިޒާމުގެ ތެރެއިން، މަސްވެރިންނަށް ލުއިގޮތް ހޯދައިދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އިސް ފަރާތްތަކާއިއެކުގައި މަޝްވަރާ ކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި، މަސްވެރިންނަކީ ރަސްމީކޮށް ދައުލަތް ދަންނަ ބަޔަކަށް ހަދައި، ފައިނޭންސިންގް ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމް މަޤާމާއި ޙަވާލުވެވަޑައިގެން، މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނައިރު، މިއަދު ވަނީ ފެނަކައިގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، އައިސް ޕްލާންޓްތައް އެޅުމުގެ މަޝްރޫޢުތައް އަވަސް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާ ނުދީ ދެ މަސް ފާއިތުވެގެން ދިޔައިރު، އައު ސަރުކާރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދީފައިވާކަން ފާހަގަކުރައްވައިފައެވެ.

ކުރީ ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާއިރު، ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މަސްވެރިންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަޢުދުވެފައެވެ.