ހިޔާ މަޝްރޫޢުގެ ދަށުން އަޅައިފައިވާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ދެއްވާނެކަމުގެ ޔަޤީންކަން، އެ ކުންފުނީގެ އައު މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވަޢުދުވެވަޑައިގެންނެވި ފަދައިން، ހިޔާ ފްލެޓު ހަދަން، ޚަރަދުވި ފައިސާ، ހިޔާ ފްލެޓްގެ ވެރީންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

އޭނާ މި ޔަޤީންކަން އެރުވީ، ރައީސް މުޢިއްޒުގެ މި ވަޢުދުފުޅު ނުފުއްދަވާނެ ކަމަށް އޮންލައިން ނޫހަކުން ރިޕޯޓު ކުރުމުންނެވެ.

ހިޔާ މަޝްރޫޢު އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި މަޝްރޫޢުއެކެވެ. އެމަނިކުފާނުގެ ސަރުކާރުން ނިންމަވައިފައި ވަނީ، ހިޔާގެ ފިނިޝިން ނިންމައިފައި ޙަވާލު ކުރާށެވެ.

ނަމަވެސް އެމްޑީޕީން އެގޮތަށް ޢަމަލު ނުކުރުމުން، ފްލެޓު ނިންމަން ދިޔަ ޚަރަދު ފޫބައްދައިދިނުމަށް ރައީސް މުޢިއްޒު ވަނީ ރިޔާސީ ކެމްޕެއިނުގައި ވަޢުދުވެވަޑައިގެންފައެވެ.

”އަޅުގަނޑުމެން ކަންކުރާނެ ގޮތަކީ އެވްރެޖް ގޮތެއްގައި އެދިޔަ ޚަރަދަށް ބަލާފަ، އަރބަންކޯއިން އެކޯސްޓް ހަމަ އޮރިޖިނަލީ ޕްލޭން ކުރިގޮތައް މިކުރެވުނު ޚަރަދު އަނބުރާ ދައްކާގޮތައް، އެވްރެޖް އަގަށް“ ރައީސް މުޢިއްޒު އޭރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން  ނިންމަން ރައްޔިތުންއަތުން ޚަރަދުވި އެވްރެޖް އަގު ބަލައި އަރބަންކޯއިން ލޯނުނަގައި އެވްރެޖް ޢަދަދަށް ވާވަރަށް ރައްޔިތުންނަށް އަނބުރާ އެފައިސާ ދެއްވާނެ ކަމަށެވެ.