މިނިވަން މެމްބަރެއްގެ ގޮތުގައި، ޝުއައިބު އަލީ މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

އޭނާ އެންމެ ފަހުން ހުންނެވި ޕާޓީ އެމްޑީއޭ އިން އިއްޔެ ވަނީ ވަކިވެވަޑައިގެންފައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޝުއައިބު ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވައިފައެވެ.

ޝުއައިބު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އޭނާގެ ނަން އުނިވުމާއިއެކު ސިޔާސީ މިނިވަކަށް ވެފައިވާ ކަމަށާއި، އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފައިވާ ކަމަށެވެ.

”މާލޭ ސިޓީގެ މޭޔަރަކަށް ހުންނަ މީހަކު ސިޔާސީ ޕާޓީތަކުގެ ނުފޫޒުން އެއްކިބާވެ ހުރުމަކީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކެން.“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުއައިބު ވަނީ މިކަމުގައި ރައްޔިތުން އޭނާއަށް ތާއީދު ކުރުމަށް ވެސް އެދިވަޑައިގެންފައެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ، އެ މަޤާމުގައި ހުންނެވި ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ.