މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި ފާހަގަ ނުވާނެ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބިނާކޮށްފައިވާ ”މަސްޖިދު ރަޝީދު” ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއް ނިޔާވުމަށްފަހު ދެމިގެންދާނެ ގޮތަކަށް ދަރުމަޔާއި ސަވާބު ލިބޭނެކަމެއްވުން އެއީ ކޮންމެ ބޭފުޅެއްގެވެސް އުންމީދެއްކަމަށް ވިދާޅުވިއެވެ. އަދި މައްޔިތާ މަރުވުމަށްފަހު ކޮށްދެވޭ ހެޔޮކަންތައްތަކަށް ބައްލަވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި އެތަނެއް ފާހަގަނުވާނެކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަލަށް މި ހުޅުވުނު މިސްކިތުގައި ނަމާދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މި މިސްކިތަށް ހިނގާ ހުރިހާ ޚަރަދެއް އާރު.ސީ.ސީން ކުރަން ނިންމާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

1200 މީހުންނަށް ނަމާދުކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށްވެސް ވަކިން ނަމާދުކުރެވޭނެއެވެ.

3 ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތް ފަރުމާކޮށްފައިވަނީ ޕާކިންގ އޭރިއާއަކާވެސް އެކީގައެވެ. މިސްކިތަށް ބޭނުންވާ ކަރަންޓް އިޔާދަކުރަނިވި ހަކަތައިން ލިބޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތް މިރޭ އިޝާނަމާދުން ފެށިގެން ވަނީ އާންމުންނަށް ނަމާދުކުރުމަށް ހުޅުވާލެވިފައެވެ.