ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އެންވަޔަަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އަދި މި މަޝްރޫއުގެ ދަށުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއްވެސް ވަނީ ބަހައްޓާފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ވަނީ ގާއިމުކުރެވިފައި ކަމަށާއި މި މަޝްރޫޢުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

މީގެ ސަބަބުން އަހަރަކު 3,300 ޓަނުގެ ކާބަން ޑައިއޮކްސައިޑް ތިމާވެއްޓަށް ބޭރުވުން ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެންވަޔަރްންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި 12 ރަށަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ”ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް“ (ޕޮއިސްޑް) މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވުނު ރަށްތަކެކެވެ.

ޕޮއިސްޑް މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި ޑީސަލް އިންޖީނުގެތައް ބެޓަރީ ސްޓޯރޭޖް ހިމެނޭ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކަށް ގެންދަނީ ބަދަލުކުރަމުންނެވެ.

މިހާތަނަށް މި މަޝްރޫއުގެ ދަށުން 72 ރަށެއްގައި މަސައްކަތް ނިމި، ޖުމްލަ 13.4 މެގަވޮޓްގެ ސޯލާ ޕީވީ އާއި ގަޑިއަކު 9.8 މެގަވޮޓް ބެޓަރީ ސްޓޯރޭޖް ގާއިމުކުރެވިގެންދާނެއެވެ.