ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީ ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަނެއްކާވެސް އަންގައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އާއި ހެޖުތެރޭގައި ކެފޭ ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓްތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދެމުންގެންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތަށް ވިޔަފާރި ހިދުމަތް ދެމުން ގެންދާތީ، އެކަމުގެ ސަބަބުން އާމުންނަށް ގިނަ ދަތިތައް ކުރިމަތިވާކަމަށާއި އެކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޝަކުވާތަކުގެ ތެރޭގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ދުވާރު ބޭނުން ކުރުން، ސްކޫލު ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުން އަދި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްކުރުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލުތަކުން ވެސް ހުށަހަޅާފައިވާކަން އެޗްޑީސީއިން ފާހަގަކުރެއެވެ.

އެޗްޑީސީއިން ބުނީ މިގޮތަށް ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެ ކޯޕަރޭޝަނުން ވަނީ އާންމުންނަށް ދަތިވާގޮތަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑި އަދި މޭޒު ފަދަ ތަކެތި ނެގުމަށް އަންގާފައެވެ.