ސިޒޭރިއަން ހަދައިގެން ދަރިން ވިހެއުން ރާއްޖޭގައި ވެސް ވަރަށް ބޮޑަށް ވަނީ އާއްމުވެފައެވެ.

 

ރާއްޖޭގެ 60 އިންސައްތައާއި ގާތް ކުރާ އަދަދެއްގެ މީހުން ވިހަނީ ސިޒޭރިއަން ހަދައިގެންނެވެ. އެގޮތުން ރާއްޖޭގައި 2019 ވަނަ އަހަރު ވިހޭ އަންހެނުންގެ 58 އިންސައްތަ މީހުން ހަދާފައިވަނީ ސިޒޭރިއަންއެވެ.

ހެލްތު މިނިސްޓްރީން ނެރޭ ރާއްޖޭގެ ޞިއްޙީ ތަފާސްހިސާބުގެ ރިޕޯޓުތަކަށް ބަލާއިރު، 2006 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދު ރާއްޖޭގައި ސިޒޭރިއަން ހެދުން ވަނީ އެވްރެޖުކޮށް 40 އިންސައްތަ އިތުރުވެފައެވެ.

ސިޒޭރިއަން ހެދުމަކީ ޤުދުރަތީ ގޮތުން ވިހެއުމަށްވުރެ، ތަފާތު ކަމެކެވެ. ”ނޯމަލް ޑެލިވަރީ“ އެއްގައި ފަސޭހަވުން އަވަސްވާއިރު، ސިޒޭރިއަން އަކަށް ފަހުގައި، ފަސޭހަވާން ދިގު މުއްދަތެއް ހޭދަވެއެވެ. އެއީ ބޮޑު އޮޕަރޭޝަނަކަށް ވާތީއެވެ.

އަންހެނުންގެ ޚާއްޞަ ޑޮކްޓަރު، އައިމިނަތު ނުސްރާ ވަނީ އޭނާގެ އިންސްޓެގްރާމް އެކައުންޓުގައި، ސިޒޭރިއަންއަކަށްފަހުގައި ރަނގަޅުވާން ހޭދަވާ މުއްދަތުގެ ތެރޭގައި ސަމާލުކަން ދެވިދާނެ މުހިންމު ކަންތައްތަކެއް ހިއްސާ ކުރައްވައިފައެވެ.

ޑރ.ނުސްރާ ވިދާޅުވީ، ސިޒޭރިއަންއަށް ފަހުގައި، މާބޮޑަށް ރިއްސާނަމަ، ޑޮކްޓަރުންގެ ލަފަޔާއިއެކުގައި ޕެއިން ކިލަރ ނުވަތަ ތަދު ކަނޑުވަން ބޭސް ބޭނުންކުރަން ވާނެ ކަމަށެވެ.

އަދި ހަށިގަނޑުގެ ގުނަވަންތަކުގައި ލޭ ދައުރުވުމަށް މަގުފަހި ކުރުވުމުގެ ގޮތުން، އަވަހަށް ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަމާއި، ޕްރޮޓީން ގިނައިން އެކުލެވޭ ކެއުންތައް ކެއުމުގެ މުހިންމުކަން ވެސް ޑރ.ނުސްރާ ފާހަގަކުރެއްވިއެވެ.

”ދެން މޫވް(ހަރަކާތް) ކުރަން ފަށާއިރު، ބަނޑުގެ މަސްތަކަށް ސަޕޯޓް ލިބޭގޮތަށް ބެލްޓެއް އަޅާލާފަ ހުރީމަ، ތަދު ވަރަށް ބޮޑުތަން ކުޑަވާނެ. އެހެންވީމަ، މިކަމަށް ވިސްނައިލަން ވާނެ.“ ޑރ.ނުސްރާ ވިދާޅުވިއެވެ.

ޑރ. ނުސްރާ ވަނީ ސިޒޭރިއަން އިން ފަސޭހަވުމަށްޓަކައި ހަޑިގަނޑަށް އަރާމް ބޭނުންވާނެކަން ފާހަގަކުރައްވައި، ރިކަވަރީގެ މުއްދަތުގެ ތެރޭގައި އާއިލާއާއި ރައްޓެހިންގެ އެހީ ހޯދުމަށް ވެސް ނަސޭހަތްދެއްވައިފައެވެ.