ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކޮރަޕްޝަން ހިންގުމަށް ފަހުގައި، އެކަން ފޮރުވަން ދޮގުގެ މައްޗަށް ދޮގު ހަދަމުންދާ މަންޒަރު ކަަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއުއާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އާރްޑީސީ)އިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެންނެެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ މާލޭ މޭޔަރު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީން ސޮއިކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް މޫކޭގެ ވާހަކަތައް، މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުވެސް ދޮގު ކުރެއްވިއެވެ. ޝިފާ ވިދާޅުވި ގޮތުގައި އެފަދަ އެއްބަސްވުމެއް ވަނީ އެކުލަވާލެވިފައެވެ.

ޕްލޭނިން މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ އިތުރު ތުހުމަތުތަކެއްވެސް މޭޔަރުގެ މައްޗަށް ކުރައްވައިފައެވެ. އެގޮތުން މާލޭގެ އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުން ނުވާ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭނާގެ މިވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ 39 މިލިއަން ރުފިޔާއަށް ކުރެވެން އޮތް ކަމެއް 84 މިލިއަން ރުފިޔާއަށް ކުރަން ނިންމައި، ރައްޔިތުންގެ ފައިސާއިން 45 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގަން އުޅޭކަމުގެ ވާހަަކަ ދެއްކުމުން، އެކަން ފޮރުވުމަށް ބުހުތާނު ދޮގުގެ މައްޗަށް ދޮގު ހަދަން މަޖުބޫރުވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށެވެ.