އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި ހިފެހެއްޓުމުން ނުފުދޭ ކަމަށް ދީނީ އިލްމުވެރިޔާ، އަލީ ޒައިދު ވިދާޅުވެއްޖެެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް ނަޝީދު ކަމަށް ބެލެވޭ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ލީކުވެފައިވާއިރު، އެ ދެމީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ. ނަމަވެސް  ދެމީހުންކުރެ އެކަކުވެސް ހައްޔަރު ކޮށްފައެއް ނުވެއެވެ.

ލިވާތު ކުރުމަކީ އިސްލާމްދީނުގައި މަރުގެ ހުކުމް އޮންނަ ކަމަކަށްވެފައި، މިފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ނުދޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން މުއައްސަސާތަކަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި ޝެއިހު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމުން ނުފުދޭ ކަމަށެވެ.

އެމީހުން ހިފާ ހައްޔަރުކޮށް ބޮޑެތި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެ، ދީނުގެ އަސާސްތައް ނެގެހެއްޓުމަށް މަސައްކަތް ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

”ހައްޔަރު ކުރަން ޖެހޭ މީހުން ދޫކޮށްފައި، ދޫކުރަން ޖެހޭ މީހުން ހައްޔަރު ކޮށްފައި މިވަނީ ކީއްވެތޯ؟“ އޭނާ ސުވާލު އުފެއްދެވިއެވެ.