2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު، ދިވެހީންނަށް ކުރިމަތިވި ސުނާމީ ކާރިޘާއިން އިބްރަތް ހޯދައި، އަބަދުވެސް އެއްބައިވަންތަކަން އިސް ކުރުމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު، އިބްރާހީމް ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Asuru

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. ދުވަހާއި ގުޅިގެން ޔޫތު މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖުގައި ވަނީ، މީގެ 19 އަހަރު ކުރިން ދިވެހީންނަށް ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަނެވުނު އެންމެ ބޮޑު ސަބަބަކީ ދިވެހީންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމުގައެވެ.

 

”އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވި، އަދި ހަމައެއާއި އެއްކޮށް، އަޅުގަނޑުމެން މި ފާހަގަކުރަމުންދާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގައި، އަޅުގަނޑުމެން މިކަމުން، ހަމަ ކުރީންވެސް ފާހަގަކޮށްލި ފަދައިން، އަޅުގަނޑުމެން އިބްރަތް ހާސިލުކޮށް، އަޅުގަނޑުމެންނަކީ، ދިވެހި ޒުވާނުންނަކީ ޤައުމީ އެއްބައިވަންތަކަމާއި، އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަޅައިލާ ބައެއް ކަމުގައިވެ، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދެއްވުން.“ މިނިސްޓަރު ވިދާޅުވިއެވެ.

2004 ވަނަ އަހަރު ދެކުނު އޭޝިއާއަށް އެރި ސުނާމީގައި ރާއްޖެއިން 106 މީހުން މަރުވިއެވެ. އެއީ މަރުވި 82 މީހުންނާއި ގެއްލުނު 26 މީހުންނާއިއެކުގައެވެ. އެ ކާރިސާގައި ގެއްލުނު މީހުން ފެނިފައިނުވާތީ، ފަހުން ވަނީ އެ މީހުން މަރުވީ ކަމަށް ނިންމައިފައެވެ.