ސަރުކާރުގެ ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވިދާނެ ކަމަށް މަޖިލީހުގެ ރައީސް، އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ މި ދައުރުގެ ފަހު ޖަލްސާ އަށް އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.
އަސްލަމް ވިދާޅުވީ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ދައުރުން ބޭރުން ޚާއްޞަ ޖަލްސާއެއް ބާއްވައިގެން ނިންމުމުގެ ފުރުސަތު އޮތް ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް އަދި ވެސް ނިމިފައި ނުވާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލައިގެ ރިޕޯޓު ނިންމުމަށް ފަހު ދައުރުން ބޭރުން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފި ނަމަ އެ މަސައްކަތް ނިންމާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 20 ގައެވެ.
އެ މައްސަލަ ކޮމިޓީން ފާސްކުރި ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން، ރިޔާސަތުން އޮތީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި 22 ވަޒީރުން ތިއްބަވައެވެ.
ު