އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024“ ގެ ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ޙަރަކާތް، ވަކި ތާރީޚެއް ނާާންގައި، ފަސްކޮށްފިއެވެ.
ޔޫތު މިނިސްޓްރީން އެ ފެސްޓިވަލު ބާއްވަން ނިންމީ، މި މަހުގެ 31 ވަނަ ދުވަހުއެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެ ޝައުޤުވެރިކަން އޮތްނަމަވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަޙައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައި ކަމަށެވެ.
”އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024″ ގެ 31 ޑިސެމްބަރުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތް ފަސްކުރެވުނު ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.“ ޔޫތު މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްފަހު އަންގާނެ ކަމަށެވެ.
އައު އަހަރުގެ މިއުޒިކް ޝޯ ފަސްކުރިއިރު، އެ ޝޯ ބޭއްވުމާއި ދެކޮޅަށް ބައެއް ދީނީ ޢިލްމުވެރިންނާއި ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވައިފައިވެއެވެ.