ހުކުރު ދުވަހު ސްކޫލުތަކުގެ ޙަރަކާތްތައް ނުބޭއްވުމަށާއި، މުދައްރިސުން މަސައްކަތްކުރަން ނުނެރުމަށް އަނެއްކާވެސް ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ.

އެ މިނިސްޓްރީއިން ސްކޫލުތަކަށް ފޮނުވި މެމޯގައި ވާގޮތުން ޚާއްޞަ ޙާލަތްތަކުގައި ހުކުރު ދުވަހު ޙަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ޙަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހުގައެވެ.

މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ދާއިރާގައި ތިއްބެވި ޚިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް މި ދިރާސީ އަހަރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އޭގެތެރޭގައި ބެލެނިވެރީންނާ މުދައްރިސުން މުޢާމަލާތުކުރުމަށް ސްކޫލުތަކުން ބޭނުންކުރާ ވައިބަރ ގްރޫޕްތައް ވަކި ނިޒާމެއްގެ ތެރެއިން މަދުކުރުމާއި، ތަރުތީބެއް ނެތި ސްކޫލުތަކުގައި ހިންގާ އިތުރު ޙަރަކާތްތައް މަދުކުރުން ހިމެނެއެވެ.

އެގޮތުން ވަކި ވަކި ކްލާސްތަކަށް ޚާއްޞަ ވައިބާ ގްރޫޕް ބޭނުންކުރުމުގެ ބަދަލުގައި ވަކިވަކި ކީ-ސްޓޭޖްތަކަށް ނުވަތަ ގްރޭޑް ތަކަށް ޚާއްޞަ ކޮމިޔުނިޓީ ވައިބާ ގްރޫޕް ހެދުމަށާއި، އެ ގްރޫޕް މެދުވެރިކޮށް މެސެޖު ކުރެވޭނެ އެންމެ ލަސްގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނުހެއްދެވުމަށް، މިދިޔަ ޖޫން މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ސަރކިޔުލަރ އެއް މެދުވެރިކޮށް ސްކޫލުތަކަށް އަންގާފައެވެ.