ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ރާއްޖެއަށް ވަޑައިގަތުމުން ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ.

އެ މައްސަލަ ހުށަހެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ގުރޫޕުންނެވެ.

އެމްްއެންޕީގެ ޕީޖީ ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ވިދާޅުވީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްއެންޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ދަތުރު ކުރެއްވި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޖެއްސުނީ ލަންކާ ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިވެގެން ކަމަށް ސީއެންއެންއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ނަމަވެސް އެއްވެސް ގައުމެއްގެ އަސްކަރީ ފްލައިޓެއް ރާއްޖޭގައި ޖެއްސޭނީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.