މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް “މަދިރިން ރައްކާ” ގެ ނަމުގައި އާބަންކޯ އިން ޤައުމީ ފެންވަރުގެ ހަރަކާތެއް ފަށަން ނިންމައިފިއެވެ.

Ads by Asuru

މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް 1 ގެ ރިވެލި ޕާރކުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އެންވައަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމްއެވެ.

މިއީ އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން އަރބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދެވޭނީ 15 ޓީމް އަކަށް ބަހާލެވިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށެވެ. ހަމަ މިއާއެކު ސާފުކުރުމުގެ މި ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތް މިނިސްޓްރީ އަދި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންނެވެ.

މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އަރބަންކޯއާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ.

އެގޮތުން މަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ. އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯރސް އެއް އާބަންކޯ އިން ވަނީ އެކުލަވައިލައިފައެވެ.

މީގެ އިތުރުން އާބަންކޯގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ހަމަމިއާއެކު މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.

މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ.

އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަކީ މި މިކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ. މިފަދަ ބަލި މަޑުކަމަކުން އަރައި ގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. މީގެ އިތުރުން މަދިރި އާލާވުން މަދުރުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުމަކީ މިކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ. މިފަސަހަރަކާތްތަކުގެ ރައްޔިތުންގެ ފަރާތުން މިކޯޕަރޭޝަނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކުރަމެވެ.