މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް “މަދިރިން ރައްކާ”ގެ ނަމުގައި އާބަންކޯ އިން މިއަދު ފެށި ޤައުމީ ފެންވަރުގެ ހަރަކާތުގެ ދަށުން ހުޅުމާލެ ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

މި ހަރަކާތް ރަސްމީކޮށް އިފްތިތާޙު ކޮށްފައި ވަނީ މިއަދު ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް 1 ގެ ރިވެލި ޕާރކުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފާއި، އެންވަޔަރްމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު ވާހަކަ ދައްކަވަނީ-ފޮޓޯ/ އާބަންކޯ

މި ހަރަކާތުގެ ދަށުން އަރބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދެވޭނީ 15 ޓީމް އަކަށް ބަހާލެވިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށެވެ.

ހަމަ މިއާއެކު ސާފުކުރުމުގެ މި ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތް މިނިސްޓްރީ އަދި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންނެވެ.

މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އަރބަންކޯއާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ.

އެގޮތުން މަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ. އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯރސް އެއް އާބަންކޯ އިން ވަނީ އެކުލަވައިލައިފައެވެ.

އާބަންކޯގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ހަމަމިއާއެކު މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.

މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ.