އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާ ފަސް އެތުލީޓުން ރާއްޖެއަށް ހޯދައިދެވޭނެ އެންމެ ރީތި ނަން ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީީސް މިކަމަށް އެދިވަޑައިގަތީ، ”ޕެރިސް 2024 އޮލިމްޕިކްސް“ ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

”ޕެރިސް 2024 އޮލިމްޕިކްސް“ ގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ ފަސް ކޮންޓިންޖެންޓުންނެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓުން ބައިވެރިވާފަހަރެވެ.

ރައީސް ވަނީ، އެ ފަސް އެތުލީޓުންނަށް ވެސް ހިތްވަރު ދެއްވައިފައެވެ.

”އަޅުގަނޑު ޔަގީން ކުރަނީ، ކަށިން ހިތްވަރު ނެރޭނެ ކަމަށް. ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށް. މިކަމުގައި އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް.“ އެމަނިކުފާނު ވިދާޅުވިއެވެ.

އެ އެތުލީޓުން، ރާއްޖެއަށް ރީތި ނަން ހޯދައިދޭން ފުރިހަމައަށް މަސައްކަތް ކުރާނެކަން ޔަގީން ކުރައްވާ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ ރާއްޖޭގައި އެކި ކުޅިވަރުތައް ބައިނަލްއަގްވާމީ ފެންވަރަށް ކުރިއެރުވުމަށް ގިނަ ކަންކަން ރޭވި، ގިނަ މަސައްކަތްތަކެއް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އޮލިމްޕިކްސްއާއި އެހެނިހެން މުބާރާތްތަކުގައި ބައިވެރިވޭނެ ގޮތް ހެދުމަށް ރާއްޖޭގައި ލިބޭ ތަމްރީނާ ފުރުސަތުތައް އިތުރުވާނެ ގޮތަށް ކަންކަން ރޭވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.