ސްރީލަންކާގެ ރައްޔިތުން، އެގައުމުގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަން ފަށައިފިއެވެ.

ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، މިކަމާ ގުޅިގެން ރާއްޖޭގައި ތިބި ލަންކާގެ ރައްޔިތުންވެސް ވަނީ ރާއްޖޭގެ ސަރުކާރުން އަމަލު ކުރި ގޮތަށް ފާޑު ކިޔައި، އަޑު އުފުލާފައެވެ.

އެގައުމުގެ ރައްޔިތުން ދަނީ ވަގުތީ ރައީސް، ރަނިލް ވިކްރަމަސިންހަވެސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން، އެގައުމުގެ ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެ އަޑު އުފުލަމުން އަންނައިރު ފުލުހުން ވަނީ އެމީހުން ހުއްޓުވުމަށް ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

ގިނަ ބަޔަކު ބޮޑުވަޒީރުގެ އޮފީހަށް ވަދެގަތީ، ރަނިލްއަކީ ވަގުތީ ރައީސްކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.

 

ލަންކާ ރައްޔިތުން، އެގައުމުގެ ބޮޑުވަޒީރު އޮފީހަށް ވަދެގަނެ އަޑު އުފުލަނީ–

ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑުވަޒީރުގެ އޮފީހަށް ވަދެގަތް ރައްޔިތުން ހުއްޓުވުމަށް ކަރުނަ ގޭހާއި ވޯޓަރ ކެނަން ބޭނުން ކުރުމުންވެސް މީހުން ހުއްޓުވުމަށް ސަލާމަތީ ބާރުތައް ވަނީ ނުކުޅެދިފައެވެ. އޮފީހަށް ވަތް މީހުން ތިބީ ލަންކާގެ ގައުމީ ދިދަ ހިފައިގެންނެވެ.

ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިތާ ގިނަ ވަގުތުތަކެއް ހޭދަ ނުވަނީހެވެ.

ލަންކާގެ ރައްޔިތުން ވަނީ، އެގައުމުގެ މިހާރުވެ ވެރިން މަގާމުން ދުރުވަންދެން، ރަސްމީ އިދާރާތައް ދޫކޮށް ނުދާނެ ކަމަށް ބުނެފައެެވެ.