ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ، އަދި ބިންވެރިޔާ ހައުސިން ސްކީމް ދަށުން ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ މީހުންނަށް ރަޖިސްޓްރީ ޙަވާލު ކުރުމުގެ މަސައްކަތް މި ހަފްތާ އާއި އަންނަ ހަފްތާގައި ކުރިއަށް ގެންގޮސް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

Ads by Asuru

ހައުސިން މިނިސްޓްރީން މި މަސައްކަތް މި ހަފްތާގައި ފަށާނެކަން ރައީސް މުޢިއްޒު ހާމަކުރައްވައިފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގޯއްޗާއި ފްލެޓު ލިބުނު މީހުންނަށް، އެ ތަންތަން ޙަވާލު ކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޯތި ދިނުމަށްފަހު، ނުހިއްކާ ހުރި ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، ގުޅީފަޅާއި ގިރާވަރު ފަޅުން ވެސް އިތުރަށް ބިން ހިއްކާނެ ކަމަށެވެ.

އަދި އެކަމަށް ތައްޔާރުވަމުންދާކަން ރައީީސް ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، އަވަސް އަރުވައިލައި، ގޯތިތަކާއި ފްލެޓްތައް ދޫކޮށްފައެވެ.

އޭރު ކެމްޕެއިނުގައި ރައީީސް މުޢިއްޒު ވަނީ އެއްވެސް މީހަކަށް ސަރުކާރުން ދޭ ބޯހިޔާވަހިކަމެއް އެމަނިކުފާނުގެ ވެރިކަމެއްގައި އަތުނުލާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.

ހުޅުމާލެ ފޭޭސް3ގެ ނަމުގައި ކުރި ސަރުކާރުން، ހުޅުމާލެ ފަޅުން ހިއްކަން ފެށިތަން ވެސް މި ސަރުކާރުން މިހާރު ވަނީ އަލުން ހިއްކަން ފަށައިފައެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލު ކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.