ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާޙް ކޮށްދެއްވައިފިއެވެ.

Ads by Asuru

ރައީސް މުޢިއްޒު މި މަޝްރޫޢު އިފުތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

މި ބޮޑު މަޝްރޫޢު އިފްތިތާޙު ކޮށްދެއްވައި ރައީސް ވިދާޅުވީ މި އިފްތިތާޙް ކުރެއްވީ ދިވެހިންގެ އުއްމީދު ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީގައި މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވަން ރާވާފައިވާކަމުގައި ވިދާޅުވިއެވެ.

އެގޮތުން މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެއަދަދު ޖުމްލަ 25 މިލިއަނަށް އިތުރު ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް މި އަހަރު ފެށިގެންދާއިރު މުޅި މަޝްރޫޢުގެ ބޮޑުބައި މި ފަސްއަހަރުގެ ތެރޭގައި ނިންމައި 10 އަހަރުގެ ތެރޭގައި މަޝްރޫޢުގެ އެންމެ ބޮޑެތި މަސައްކަތްތައް ނިންމަވަން ރާވާފައިވާކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢުގެ ތެރޭގައި މިހާރުގެ ސީޕްލޭން ޓަރމިނަލް އެހެންތަނަކަށް ބަދަލުކުރުމާއި، ޖެޓުތަކަށް ޚާއްޞަ ޓަރމިނަލެއް ހެދުމާއި، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރަށް ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމާއި، ކާގޯ ފެސިލިޓީ ތަރައްޤީކުރުމާއި އަދި ފުނަދޫގައި ހުންނަ ތެޔޮ ސްޓޯރޭޖް އެހެންތަނަކަށް ބަދަލުކޮށް އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ.

މީގެ އިތުރުން ފުނަދޫ، މަލެއާއި ހުޅުލެއާ ބްރިޖުން ގުޅުވާލުމާއި، ހުޅުލެއާއި ހުޅުމާލެއިން ސީޕްލޭން ޓަރމިނަލްއާވެސް ގުޅުވާލުމަށް ރާވާފައިވެއެވެ.

މި ޖަލްސާގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ދަޢުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.