ޔޫރަޕުގެ ގައުމުތަކުގައި ބޭނުންކުރުމަށް އެ ގައުމުތަކުން ހުއްދަ ދީފައިވާ ފެންވަރު ރަނގަޅު، ކޮލިޓީ ބޭސް ހެޔޮއަގުގައި ރާއްޖެއިން ލިބޭނޭގޮތް ސަރުކާރުން ހެދުމާއެކު، ކުރިން ވަރަށް އަގުބޮޑު ލިބޭ ބޭސްތައް، ވަރަށް ހެޔޮ އަގުގައި ލިބޭނެ ގޮތް ފަހިވެގެން ގޮސްފިއެވެ.
ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމާއެކު އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ލިބިގެންދާނެއެވެ.
މި ނިޒާމުގެ ތެރެއިން ގެންނަނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެ ގައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސްތަކެވެ. މި ބޭސްތައް ރާއްޖެއަށް ގެންނަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ހަތް ބޭހެއް ދައުރު ކުރަން ފަށާގޮތަށް ހަމަޖެހިފައިވާއިރު، ފަހުން ތިން ބޭހެއް އިތުރު ކުރާނެެއެވެ.
ޕީއެސްއެމްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)ގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ގެނެސްފައިވާ ބޭސްތަކުގެ އަގު، ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ.
އެގޮތުން މިވަގުތު އާސަންދައިގެ ދަށުން 6 ރުފިޔާ 12 ލާރިއަށް ލިބޭ ބޭސް، މި ނިޒާމުގެ ދަށުން، އެންމެ ރަނގަޅު ކޮލިޓީގައި ގެނެސް، 1 ރުފިޔާ 1 ލާރިއަށް ބޭނުން ކުރެވޭނެ ކަމަށް ޖަލީލާ ވިދާޅުވިއެވެ.
”ހަމައެއާއެކުގައި، އަޅުގަނޑުމެންނަށް އެންމެ، ވަރަށް ޗެލެންޖިން ޕްރޮޑަކްޓްސްތައް، މިސާލަކަށް އެންމެ ހެލްތު ސިސްޓަމްގެ ތެރެއިން ލިބުން އުނދަގޫ ބޭސް، އުނދަގޫ ވުމަކީ ވެސް ޕްރައިސް އިންކްރީޒް ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް. މިސާލަކަށް މެރޮޕިނަމިކީ. ވަރަށް ކްރިޓިކަލް އެންޓިބަޔޮޓިކެއް، އަޅުގަނޑުމެން އަބަދު ބޭނުން ކުރަންޖެހޭ، އޭގެ އަގު މިވަގުތު ރާއްޖޭގައި މިހިރީ، އާސަންދަ ޕްރައިސް އަކީ 428 ރުފިޔާ. ވަރަށް އަގުބޮޑު ދެއްތޯ، އަޅުގަނޑު މި ދައްކަނީ ލައިފް ސޭވިން އެންޓިބަޔޮޓިކެއްގެ ވާހަކަ. އެކަމަކު މި ބަދަލާއެކީގަ އަޅުގަނޑުމެންނަށް މީގެ ޕްރައިސް އެބަ ތިރި ކުރެވޭ 10 ރުފިޔާއަށް.“ ޖަލީލާ ވިދާޅުވިއެވެ.
ޖަލީލާ ވިދާޅުވީ، ވަރަށް އަގުބޮޑުކޮށް ލިބެމުންދިޔަ ބޭސް، ހެޔޮ އަގުގައި ލިބޭގޮތް ވުމަކީ ސިއްހީ ނިޒާމުގައި އުމްރާނީ ގޮތުން ތަރައްގީ ބޭނުންވާ ކަންކަމަށް ހޭދަ ކުރުމަށް މަގުފަހި ވެގެންދާނެ ކަމެއް ކަމުގައެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީ.އީ.އޯ ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންނަށް ކޮލިޓީ ރަނގަޅު ބޭސް ހެޔޮ އަގުގައި ލިބިގެން ދިޔުން ކަމުގައި ވިޔަސް މި ސިޔާސަތުގެ ސަބަބުން ދައުލަތުގެ ހަރަދު ވެސް ކުޑަ ކުރެވިގެންދާ ކަމަށެވެ. އާސަންދަ ބަޖެޓުގެ ތެރެއިން ބޭހަށް ކުރެވޭ ހަރަދު 48 އިންސައްތައާއި 50 އިންސައްތައާ ދެމެދުގައިވާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، ބަލްކް ޕްރޮކިޔުމަންޓް ސިޔާސަތާއެކު، ބޭހުގެ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަށެވެ.
”އޭގެ ނަތީޖާއަކަށް މިވަނީ ހަގީގަތުގައި، އަޅުގަނޑުމެންނަށް އާސަންދައިގެ ތެރޭގައި ހުރި ލީކޭޖުތައް ކުޑަ ކުރުމަށްޓަކާ ކުރެވެން ހުރި ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަންކުރުމުގެ ފުރުސަތު ލިބިގެން ދިޔުން.“ ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ޓައިޕު ވަން ޑަޔަބެޓިކް ޕޭޝަންޓުން ބޭނުންކުރާ އިންސުލިން މިހާރު ލިބެން ހުންނަނީ 316 ރުފިޔާއަށް ކަމަށާއި، ބަލްކް ޕްރޮކިއުމަންޓް ސިޔާސަތާއެކު މި ބޭސް 86 ރުފިޔާއަށް ލިބިގެންދާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވިލާތުން ކޮލިޓީ ބޭސް ގެންނާން ފެށިއިރު، ރާއްޖެ އަކީ އަސާސީ ހުރިހާ ބޭހެއް ލިބެން ހުންނަ ގައުމެއް ނޫނެވެ.
އެމްއެފްޑީއޭ އިން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރިޔަސް ބޭސް ގަންނަން ޖެހެނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ކަމަށް ވާތީ، ރާއްޖޭގައި ބޭހުގެ އަގު 15 ގުނަ ބޮޑުވެއެވެ.
ު

