ދީނީ އިލްމުވެރިންނަށް އަނިޔާ ނުކުރައްވާނެ ކަަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، މިދިޔަ މަހު ބޭއްވި ޔޯގާ ޑޭ އިވެންޓާ ގުޅިގެން ދެ ދީނީ އިލްމުވެރިޔަކު ހައްޔަރުކޮށްފައިވާއިރު، މިކަމާ ގުޅިގެން އަދާލަތު ޕާޓީއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުންވެސް، އެއްޖިންސުން ގުޅުން ހިންގުން ފަދަ އިސްލާމްދީނާ ހިލާފު ކަންކަން އާންމު ވަމުން އަންނައިރު، ސަރުކާރު ކޯލިޝަނުގައި އޮވެމެ، އަދާލަތު ޕާޓީން މިކަންކަމާމެދު ބަސް ނުބުނާކަން އެތައް ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ދުއާއިން ރައއްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރާކަމަށެވެ.

ފާއިތުވި ހަތަރު ދުވަހު އިމްރާން ވަނީ އަދާލަތު ޕާޓީގެ ދިފާއުގައި ގިނަ ޓްވީޓްތަކެއް ކުރައްވައިފައެވެ. މި ޓްވީޓްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.