ރާއްޖޭގައި އިތުރު 15 އެއާޕޯޓް އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ނަމަވެސް އެއީ ކޮންކޮން އެއާޕޯޓްތަކެއް ކަމެއް ސަރުކާރުން ހާމައެއްނުކުރެ އެވެ.

Ads by Asuru

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ބެއްވި ބިޒްނެސް ފޯރަމްގަ މިކަން އިއުލާންކޮށް ބުނެފައި ވަނީ އެއާޕޯޓްތައް ތަރައްގީކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް ޖުމްލަ 18 އެއާޕޯޓް އެބައޮތެވެ. އަދި އިތުރު އެއާޕޯޓްތަކެއް ތަރައްގީކުރުމުގެ މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. ސަރުކާރުން ދާދި ފަހުން ވަނީ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ނިންމައިފަ އެވެ.

ބިޒްނެސް ފޯރަމްގެ ތެރޭގައި ވަނީ 11 މަޝްރޫއަކަށް އިންވެސްޓަރުން ހޯދަން ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި އައްޑޫ ބްރިޖާއި ކާޑެއްދޫ އާއި ތިނަދޫ ގުޅުވާލުމުގެ މަޝްރޫޢު އާއި، އިހަވަންދިއްޕޮޅު ތަރައްޤީކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި، ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫޢޫތައް ހިމެނެ އެވެ.