މޫސުން ގޯސްވުމުގެ ސަބަބުން ލޭންޑް ނުކުރެވި އިމަޖެންސީގައި ލޭންޑްކުރި މަންޓާ އެެއަރ ސީޕްލޭނުގައި ނުފޭބިފައި ތިބި ފަތުރުވެރިންތަކަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނިގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ 13 ފަސެންޖަރުންނާއި ތިން ކުރޫންނާއެކު ދަތުރުކުރި މަންޓާ ސީޕްލޭން، މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް ނުޖެއްސިގެން، ކ. ހެލެގެލި ރިސޯޓަށް ކައިރިއަށް އިމަޖެންސީގައި ލޭންޑްކުރުމާ ގުޅިގެންނެވެ.

އަދި މޫސުން ގޯސްވުމުގެ ސަބަބުން އެ ސީޕްލޭންގައި ތިބި ފަތުރުވެރިންނަށް ހިކިފަސްތަނަކަށް ނުފޭބިގެން އެމްއެންޑީއެފް މެރިޓައިމް ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ގުޅައި، އެހީތެރިކަމަށް އެދުނެވެ.

މިގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ ސީޕްލޭންގައި ތިބި މީހުން ޑިންގީއެއްގެ އެހީގައި ލޯންޗަކަށް ނަގައި، އެ ލޯންޗްގެ ކައިރީގައި އޮތް ޕަޓިނާ މޯލްޑިވްސް ރިސޯޓަށް މިރޭ 22:30 ހާއިރު ވަނީ ގެންދެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.