ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހަމަޖެހިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މި މަހުގެ 13 ވަނަ ދުވަހު، މާލޭގެ މޭޔަރު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވަވާ ކެންޑިޑޭޓް، ޢައިޝަތު ޢާޒިމާ ޝަކޫރާއިއެކު ސަންގު ޓީވީން ގެނެސްދިން ”އާސްކް ޢާޒިމާ“ ޝޯއަށް ފޯނުން ދެއްވި ބަސްދީގަތުމުގައެވެ.

”އިރާދަކުރެއްވިއްޔާ، މާލެއަށް އަދި ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ވެސް، ހުރިހައި ސަރަހައްދެއްގައި ވެސް ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ވަރަށް ގިނަ ކަންކަން މަގުފަހިވެފައި ވަނީ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢު އާއި މާލޭގެ މަގު ހެދުމުގެ މަސައްކަތަށް ވެސް މި ދަތުރުފުޅުން މުހިންމު ކަންކަން ހަމަޖެހިގެން ދިޔައިރު، މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރާއިއެކުގައި މަސައްކަތް ކުރައްވަވައި، ސަރުކާރުގެ ވިސްނުން ގެންގުޅުއްވާނެ ބޭފުޅަކު އިންތިޚާބު ކުރުން މުހިންމު ކަމަށެވެ. ރައީީސް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ހުސްވި ތިން ދާއިރާގެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕާޓީން ވާދަ ކުރައްވަވާ ކެންޑިޑޭޓުން ހޮވުމުން، ކަންކަން ދާނީ ރަނގަޅަށް ކަމަށެވެ.

ރައީީސް ވިދާޅުވީ، ޢާޒިމާ އަކީ ސަރުކާރުގެ ވިސްނުމުގައި މަސައްކަތް ކުރައްވާނެ ބޭފުޅަކަށްވާނެ ކަމަށެވެ. ރައީީސްގެ ވާހަކަފުޅުގައި، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ވެސް، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސިޓީ ކައުންސިލާއި ޙަވާލު ކޮށްފައިވާ ކަމަށް ވިދާޅުވެ، އެއީ ދެ ފިވައްސެއްގައި ހިމެނޭ ވަރަށް ގިނަ ރައްޔިތުންގެ ޒިންމާ ކަމަށާއި، އެ ޒިންމާ އަދާ ކުރެއްވޭނީ ސަރުކާރާއިއެކުގައި މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ކަމަށެވެ.

ރައީސް މުޢިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމާއި ރާއްޖެއާ ދެމެދު، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް 20 އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ.