އެބޯލާ ވައިރަހަށްވުރެވެސް ނުރައްކާތެރި ވައިރަހެއް ކަމުގައިވާ މާބާގް ވައިރަސް ގާނާއިން ފެނިއްޖެއެވެ.

Ads by Asuru

ރިޕޯޓްތައް ބުނާ ގޮތުގައި މާބާގް ވައިރަހަކީ އެބޯލާ ވައިރަހާ އެއް އާއިލާއަކަށް ނިސްބަތްވާ ވައިރަހެއް ނަމަވެސް، މި ވައިރަހުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު މާ ބޮޑު ކަމަށެވެ.

ގާނާގެ ދެކުނުގެ ރީޖަންއެއްގައި، މާބާގް ވައިރަސް ޖެހުނު ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. ގާނާގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 98 މީހަކު މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

މާބާގް ވައިރަސް ފެނުމުން، ބަލިން ރައްކާތެރިވުމަށް ގާނާއިން އަޅަމުންދާ އަވަސް ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ތައުރީފު ކޮށްފައެވެ.

މާބާގް ވައިރަހަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާއިރު، ގިނައިން ފެން ބުއިމަކީ މި ބަލީގެ އަލާމާތްތަކުން ރައްކާތެރިކޮށްދޭ ކަމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވެއެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުމާއި، ހުން އައުން ހިމެނެއެެވެ.