ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތައް އިންޤިލާބީ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Asuru

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މިހެން ވިދާޅުވީ، ‏މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ރާއްޖެ ގެނެސް، ބެހެއްޓުމުގެ މަސައްކަތް ފެށުމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަހުމީގެ ޕޯސްޓުގައި ވިދާޅުވީ، ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށާއި، އެ ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށެވެ.

”އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން.“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވޭނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން، އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާޢަތަށް ގެނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.