ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އައު ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

Ads by Asuru

މި އަހަރު ބާއްވާ މަޖިލިސް އިންތިޚާބު އޮންނާނީ، މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އެ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފޯމު ސެޓް މިއަދު އާންމު ކުރާނެ ކަމަށެވެ.

އެ ފޯމު ސެޓް އާންމު ކުރި ނަމަވެސް ފޯމު ހުށަހެޅޭނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ޚާއްޞަ ކޮށްގެން އައު އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމަށް ބޭނުންވާ ލިޔުންތައް ވެސް ކޮމިޝަނުން އާންމު ކުރާނެ ކަމަށާއި، މި އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ މި މަހުގެ 30 ވަނަ ދުވަހު ކޮމިޝަނުން ކުރާ އިޢުލާނުގައި އޮންނަ މުއްދަތުގެ ތެރޭގައި ކަމަށެވެ.

އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން ކެމްޕޭން ކުރުމަށް އިންތިޚާބަށް ހާއްސަ އެކައުންޓެއް ހުޅުވަން އޮންނަނީ، އެ އިންތިޚާބަކަށް ކުރާ ޚަރަދުތައް ދެނެގަތުމަށެވެ.