ތަފާތު ކާއެއްޗެހި ތައްޔާރު ކުރުމުގައި ބޭނުން ކުރާ އިނގުރުން ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ.

ގޭގައި އަމިއްލައަށް ތައްޔާރު ކުރާ އެކި ބޭހުގެ ބާވަތްތަކާއި، ރީތިވާން ގެންގުޅޭ ސާމާނު އުފެއްދުމަށް ވެސް އިނގުރު ބޭނުން ކުރެއެވެ. ކެއްސުމާއި ރޯގާއަށް އިނގުރު ދިޔަ އަކީ ރަނގަޅު ފަރުވާއެއް ކަމުގައި ވަނީ ބެލެވިފައެވެ.

އިނގުރުން ލިއްބައިދޭ ފައިދާތަކަށް ބަލާއިރު، މާބަނޑުއިރު ހޮޑު ލެވުމުން ދުރުވުމަށް އިނގުރު ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މިކަން ކުރަން ވާނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. އެކި ބަލިތަކާއި ގުޅިގެން ހޮޑު ލެވުމާއި، ކެންސަރަށް ދޭ ފަރުވާއެއް ކަމުގައިވާ ކީމޯތެރަޕީގެ ސަބަބުން ހޮޑު ލެވޭ ނަމަވެސް، އިނގުރު ބޭނުން ކުރެވިދާނެއެވެ.

އިނގުރަކީ ބަރުދަން ލުއި ކުރުމަށް  ވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ޞިއްޙީ ބައެއް ލިޔުންތަކުގައިވެއެވެ. އިނގުރުގެ ސަބަބުން ބަރުދަން ލުއި ކޮށްދެނީ، އިންފްލެމޭޝަން މަދުކޮށްދޭތީއެވެ.

ހިތުގެ ބަލިތަކުން ދުރުކޮށް ދިނުމަށް ވެސް މުހިންމު ރޯލެއް އިނގުރު އަދާ ކުރެއެވެ.

ޤަވައިދުން ފާހާނާ ނުކުރެވޭ މީހުނާއި މައްސަރު ކަންތައް ޖެހުމުން އަންނަ ބަނޑުގެ ރިހުމަށް ވެސް އިނގުރުން ލުއި ލިބެއެވެ. އަދި އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށް ކޮލެސްޓްރޯލް ދައްކޮށްލައެވެ.

މޫސުމީ ރޯގާތަކާއި ހަށިގަނޑަށް ވަންނަ އެކި ވައިރަސްތަކުން ވެސް ރައްކާތެރިކޮށްދެއެވެ.

ކެއުމުގައި އިނގުރު ބޭނުން ކުރާނަމަ ވަރަށް ކުދިކޮށް ކޮށާލައިން ބަތް ނޫނީ ކާން ބޭނުން ކުރާ އެހެނިހެން ކަނާގެ ތެރެއަށް އަޅައިން ކެވިދާނެ އެވެ.