ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ބޮޑު މިސްކިތެއް، ރޯދަ މަހަށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ފޭސްބުކްގައި ޑރ.ޝަހީމް ވިދާޅުވީ، ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް  ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

”އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތެއްގެ ތެރެއިން 1500 މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެ. އިންޝާ ﷲ. އެހެން މިސްކިތްތައް ރޯދައިގެ ފަހަށް ނިންމޭނެ. ހުރިހައި ދާއިމީ މަޝްރޫޢެއް ގިނަވެގެން 2 އަހަރު ތެރޭ އިންޝާ ﷲ ނިންމޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ދެއްވި ޔަޤީންކަމަކީ، އަހަރުތަކެއް ވެފައިވާ ބައެއް މަޝްރޫޢުތައް، ދެން ލަސްތަކެއް ނުވެ ނިމޭނެ ކަމުގެ ޔަޤީންކަމެވެ.

އެގޮތުން ފޭސް ދޭއްގެ ދާއިމީ މިސްކިތްތައް އަވަހަށް ނިންމުމަށް އެހީތެރިވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަމާޒު ކަމަށް ވިދާޅުވިއެވެ.

”އިންޝާ ﷲ ފޭސް 2ގެ މިސްކިތްތައް ނިމޭއިރު އެތަން ވެގެންދާނީ ރީތި ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަކަށް.“

މިނިސްޓަރު ވަނީ ހުޅުމާލެ ފޭސް 2 ގައި 2،800 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި ތިން ހާސް މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1162 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް ވެސް ނިމިގެންދާނެކަން ފާހަގަކުރައްވައިފައެވެ.

ދެވަނަ ފޭސްގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފޭސްގެ ދިރިއުޅޭ މީހުންގެ ތެރެއިން ރީތިކޮށް ކިޔަވާ ޢިލްމީ ފަރާތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ޚާއްޞަކޮށް ޙާފިޒުންނަށް އިސްކަން ދެވޭނެ. މި ރަމަޟާން މަހު ފޭސް ދޭގައި ހުޅުވޭ ދާއިމީ މިސްކިތުގައި ދަމު ނަމާދު ވެސް އޮންނާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ވެސް އަންނަނީ ކުރަމުންނެވެ.