ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަންނަވާ ކޮންމެ މީހަކަށް ވީއައިޕީ ހިދުމަތް ލިބޭގޮތަށް ހެދުމުގެ ބަދަލުގައި، ހަމައެކަނި މެންބަރުންނާއި އެބޭފުޅުން އާއިލާ މެންބަރުންނަށް އެ ހިދުމަތް ލިބޭގޮތަށް މަޖިލީހުގެ އަންމު ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ކުރިން ނިންމާފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ފުރާ ހުރިހާ ފަރާތްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭ ގޮތަށެވެ.
ރޭ ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވީ އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރި ނިންމުން ބާތިލުކޮށް، ކުރިންވެސް އޮތްގޮތަށް މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާ އަށް އެކަނި ވީއައިޕީ ހިދުމަތް ދިނުމަށެވެ.
މިހުށަހެޅުން ކޮމިޓީއަށް ހާޒިރުވެލެއްވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް އަންމު ކޮމިޓީން ކުރަމުން ގެންދާއިރު، އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް ކުރިން ފާސްކޮށްފައިވެއެވެ.

