މި ދެ ދުވަހު މީސްމީޑިއާގެ އެކި މަންސަތަކުގައި ރަސްކަން ކުރަމުން ދަނީ ގަރުދިޔައިގެ ތަސްވީރުތަކާއި ވީޑިއޯތަކެވެ. ”އަޅުގަނޑުމެން ޓޭކްއަވޭ އިން ކެއުން ހުއްޓާލައި، ގަރުދިޔައާ ބަތަށް ތިރިވެލަން ޖެހޭ“ ކަމަށް ރައީީސް އޮފީހުގެ ވަޒީރު އަލީ އާރިފު ވިދާޅުވުމާއެކު، ދިވެހީންގެ އެންމެ ޒަމާންވީ ގަރުދިޔައިގެ މަގުބޫލުކަން އިހުނަށްވުރެ އިތުރުވެގެންދިޔައީ، ތަފާތު، މަސްހުނި، ޝުއޫރުތަކާއެކުގައެވެ.

ވަޒީރު އަލީ އާރިފުގެ ވާހަކައާއެކު އެއްބަޔަކު ރުޅި ގަދަ ވީއިރު، ގަރުދިޔައާ ބަތުގެ މީރު ވާހަކައާއި، އެ ކެއުމާއި ދިވެހީންނާ އޮތް ޒަމާންވީ ގުޅުމުގެ ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ.

”‏ގަރުދިޔަގަނޑުގެ ފޯރި“ ގަދަ ވެފައިވާ މި ދުވަސްވަރު، މި ކެއުމުން ލިބޭ ފައިދާގެ ވާހަކަ ކޮންމެހެން ވެސް ދައްކައިލާން ޖެހެއެވެ.

ގަރުދިޔަ ކާންވީ ކީއްވެ؟

ގަރުދިޔައިގެ 80 އިންސައްތަ އަކީ ފެނެވެ. އެހެންކަމުން މިއީ ހަށިގަނޑު ވަރަށް ރަނގަޅަށް ”ހައިޑްރޭޓް“ ކޮށްދޭނެ ކެއުމެކެވެ. ކުކުޅުގައި ވެސް ގަރުދިޔަ ކެއްކުނެއް ކަމަކު، ދިވެހީންގެ ގަރުދިޔައިގެ ބައިވެރިޔަކީ އަބަދުވެސް މަހެވެ. މަހުގެ ބާވަތް ތަފާތު ވިޔަސްމެއެވެ.

މަހަކީ ޕްރޮޓީންގެ އިތުރުން، އޮމެގާ 3 ފަދަ ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ލިބޭ އެއްޗަކަށްވާއިރު، ބައެއް ވިޓަމިނާ މިނެރަލް ވެސް ގަރުދިޔައިން ލިއްބައިދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، މަހުން ލިބޭ އަޔޮޑިންގެ ސަބަބުން ތުއްތު ކުދިންގެ ވިސްނުން ތޫނު ކޮށްދޭނެއެވެ. ގަރުދިޔަ އަކީ ވެސް މަހުން ތައްޔާރު ކުރެވޭ އެއްޗަކަށް ވާއިރު، މި ކެއުމުގައި ވެސް އަޔޮޑިން ހިމެނެއެވެ.

ހަނދާން ގަދަ ކޮށްދިނުމަކީ ވެސް ގަރުދިޔައިން ލިބޭނެ ސިއްހީ ފައިދާއެއް ކަމުގައި ބުނެވެއެވެ. މިކަމަށް މަގުފަހި ކުރުވަނީ ގަރުދިޔައިގައި ހިމެނޭ ފެޓްސް، ވިޓަމިން، އަދި މިނެރަލްސްއެވެ.

ގަރުދިޔަ ކެއުމުން ކަށީގެ އެކި ބަލިތަކުން ވެސް ދުރުކޮށްދެއެވެ. މަހުގައި ހުންނަ ކެލްސިއަމް އަކީ ކަށިތައް ވަރުގަދަ ކުރަން އެހީވެދޭ މާއްދާއެކެވެ.

މީގެ އިތުރުން، ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންނަށް ވެސް ގަރުދިޔަ އަކީ ރަނގަޅު ކެއުމެކެވެ. ދިވެހީންނަކީ ހަވާދު އެކުލެވޭ ކެއުންތައް އާއްމުކޮށް ކައި އުޅޭ ބަޔަކަށްވާއިރު، ގަރުދިޔަ އަކީ ތަރުކާރީ އާއި ފައިދާ ހުރި ފަތްޕިލާވެލީގެ ބާވަތްތަކާއެކު ކާ އެއްޗަކަށް ހަދައިފިނަމަ، މި ކެއުމުގެ ފައިދާ އެތައް ގުނަޔަކުން އިތުރު ވެގެންދާނެކަން ޔަގީނެވެ.