ދޮށީގެ މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

Ads by Asuru

މިކަން ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ.

މި ތަމްރީން ޕްރޮގްރާމްތައް އެންމެ ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ، ގއ. އާއި ގދ އަތޮޅުގައެވެ.

މިއަދު މި ޕްރޮގްރާމް ފަށައިފައި ވަނީ ގދ. މަޑަވެލީގައެވެ. ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމަށް މިއަދު ފެށި ޕްރޮގްރާމްގައި އަށް މީހުން ބައިވެރިވިއެވެ.

އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގަތެވެ.

ިމަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރު ފެންވަރަށް ތަމްރީނުކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މަޑަވެލީ 8 ދޯންޏަކުން، ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވާއިރު މިއީ 2 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤު ދެއްކެވި ވާހަކަަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް އެންހިފުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާއިރު، ފުޅި އަޅައިގެން ފީނާއިރު ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އެހީތެރިވެދޭނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.