ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ބޯހިޔާވަހިކަން ފުރިހަމަ ކޮށްދޭން ކުރަން ޖެހޭ ހުރިހައި ކަމެއް ސަރުކާރުން ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ފިރުޒުލް މި މެސެޖު ދެއްވީ، އެމަނިކުފާނުގެ މަންދޫބެއްގެ ހައިސިއްޔަތުން މިރޭ މާލޭގެ ހަތަރު ޖަމުޢިއްޔާއަކުން ބޭއްވި ”ބިންވެރިންގެ ސައްލާ“ގައި ވާހަކަ ދައްކަވަމުންނެވެ.

ފިރުޒުލް ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކަށް އެތަންތަން ލިބި، ދިރިއުޅެވޭނެ ގޮތް ވުމަށްޓަކައި ހަތަރު ކަމެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. އެގޮތުން ގޯތީގެ ރަޖިސްޓްރީ ލިބުމާއި، ގޯތި ލިބުނު ބިންތަކުގެ ބޮޑުބައެއް ހިއްކައި ނިންމުމާއި، ހިއްކި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތްތައް ފަދަ އަސާސީ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމާއި، އެ ތަންތަނަށް ފަސޭހައިން ދަތުރުފަތުރުކޮށް ވާސިލުވެ އުޅެވޭނެ ގޮތް ވެސް ފަހިވެގެންދާާން ޖެހޭނެ ކަމުގައެވެ.

”މި ހަތަރު ކަންތައް، އޭގެ ޒާތުގަ ފުރިހަމަވެގެން، ހަމަ ޔަޤީނުން ވެސް އަޅުގަނޑުމެންނަށް ފަސޭހަކަމާއިއެކު އެތަންތަނުގައި ކޮމިއުނިޓީއެއް ގޮތަށް ދިރިއުޅެވޭނީ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޔަޤީންކަމަކީ މި ހަތަރު މަސައްކަތް ވެސް އެކުއެކީގަ، އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދާކަން.“ ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ގޯތި ލިބުނު މީހުންނަށް އެތަންތަން ހިއްކެމުންދާ ވަރަކަށް ރަޖިސްޓްރީ ޙަވާލު ވެސް ކުރަމުންދާ ކަމަށެވެ. އަދި މިއަދުގެ ޙާލަތަށް ބަލައި، ވަގުތީ ގޮތުން ލިޔުމެއް ދެވެން އޮތް ފަރާތަކަށް ލިޔުން ދެއްވަން މަސައްކަތް ކުރައްވާނެކަން ވެސް ބިންވެރިންގެ ޙައްޤުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރައީީސް ދެއްވައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވަނީ މާލެ ސަރަހައްދުން ގޯތި ދޭނެ ބިންތައް ހިއްކުމުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމުގެ ޔަޤީންކަން ވެސް ރައީީސްގެ ފަރާާތްޕުޅުން ދެއްވައިފައެވެ.

”ގިރާވަރުފަޅުން މިހައިތަނަށް 50 ‏ނުވަތަ 54 ހެކްޓަރު ހިއްކާ ނިންމާފަ ވަނީ. ގުޅީފަޅުން ގާާތްގަނޑަކަށް 94 ހެކްޓަރު ހިއްކާފަ ވަނީ. ހުޅުމާލެ ފަޅުން ވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، މިހާރު ދެވަނަ ސެގްމެންޓް ހިއްކުމުގެ ބައި ކުރިއަށް އެ ދަނީ.“ ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ، ގޯތި ދޫކުރަން ހިއްކަން ފެށި އެއްވެސް ތަނެއް ހުއްޓައިނުލާ ކަމަށާއި، ގިރާވަރުފަޅާއި، ގުޅީފަޅުން ވެސް އިތުރު ބިން ހިއްކާނެކަން ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރައީީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ގުޅީފަޅުގައި އިންފްރާސްޓްރަކްޗަރ ޤާއިމު ކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވީއިރު، ގިރާވަރުފަޅުގައި ވެސް އަސާސީ ޚިދުމަތް ޤާއިމުކުރަން ޗައިނާގެ ކުންފުނިތަކުން ޝައުޤުވެރިކަން ފާޅު ކުރި ކަމަށެވެ.

ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރައްވެހިންގެ ޖަމުޢިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަޠީފު، ރައީސް މުޢިއްޒާ ބައްދަލުކުރެއްވުމުން އެމަނިކުފާނު ދެއްވި މެސެޖު މިރޭގެ ސައްލާގައި ހިއްސާ ކުރައްވަމުން ވިދާޅުވީ، ބިން ލިބޭނެ ކަމަށް ގެޒެޓުގައިވާ މީހުންގެ އެ ޙައްގު ލިބޭނެ ކަމަށާއި އެހެން ތަނަކަށް ބިން ބަދަލުނުކުރާނެކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވެވި ކަމަށެވެ.