ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް)އަށް ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by Asuru

ޑިފެންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނީ، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވާނެ ޖެހޭނެކަމަށެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ މީހާގެ އުމުރުފުރާ ބަލާނީ ފެބްރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ވަޒީފާއަށް ހޮވުމުގައި އިންޓަރވިއުކުރާނެކަމަށާއި، އެގޮތުން  ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބަލާނެކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ޑިފެންސުން ބުންޏެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެކަމަށްވެސް ބުންޏެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމުއަންނަ ފެބްރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުންނާއި ޑިފެންސް މިނިސްޓްރީން ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.