އައްޑޫ ސިޓީ ހުޅުދޫ-ހިތަދޫ ބްރިޖުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫޢު ބަޔަކާ ޙަވާލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by Asuru

މާލެ ސިޓީގެ އައު މޭޔަރާއި، ތިން ދާއިރާއެއްގެ ކައުންސިލަރުން މަޤާމުގެ ހުވައި ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުން އައްޑޫގައި ބްރިޖު އަޅާނީ އަނގަބަހުން ނޫން ކަމަށް ވިދާޅުވެފައެވެ. އެ ބްރިޖުގެ މަޝްރޫޢު ހިންގުމަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.

ރައީސް މިރޭ ވަނީ އެ މަޝްރޫޢުގެ ފީސިބިލިޓީ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ.

”އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއް ނުވެ، ކޮންޓްރެކްޓަރަކާ ޙަވާލު ކުރެވޭ ވަރަށް ހުރިހައި ތަފްޞީލެއް ނިންމޭނެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ދެންވެސް އަޅަން ނިންމައިފައިވާ ލޭންޑް ލިންކްތަކާއި ކޯޒްވޭތަކާއި ބްރިޖުތައް ހުންނާނެ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ވެސް އެކި އެކި ފަންނީ މަސައްކަތްތައް ފެށިފައިވާ ކަމަށް ރައީީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.